އަމާޒަކީ މިދައުރުތެރޭ، އެހެން ޤައުމުތަކުގަވެސް އޮންނަ ގޮތަށް ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުން: ވަޒީރު

އަމާޒަކީ މިދައުރުތެރޭ، އެހެން ޤައުމުތަކުގަވެސް އޮންނަ ގޮތަށް ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށާއި އެކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެގޮތުން، މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށް ވިދާޅުވެ ވަޒީރު ވަނީ ދިވެހީންނަށް ލިބިފައިވާ ތަރިކައިގެ އެންމެ މުހިންމު އެކައްޗަކީ ދިވެހި ބަސްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ދިވެހި ބަސްނޫނަސް އެހެން ގިނަ ތަރިކަތަކެއް ދިވެހީންނަށް ލިބިފައިވާކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފެންވަރުގަވެސް މިކަމާ ވަކާލަތުކުރާނެ، މިކަމަށް ކަންބޮޑުވާނެ ނުވަތަ މިކަމަށް ހޭލުންތެރި، ތަރިކަތައް ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާ ޖަމާޢަތެއް އޮތުން ވަރަށް މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްކަމަށާއި ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުމާއެކު ތަރިކައިގެ މަޢުލޫމާތުތައް އާންމުވެ، ޅަޖީލުތަކާ ހަމައަށް އެ މަޢުލޫމާތުތައް ވާސިލްވުމަކީ، ރަށްރަށުގައިވެސް ތަރިކައިގެ އާސާރުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ.

"އަޅުގަނޑުހިތުން ރާއްޖޭގެ ވަރަށްމަދު އެއްޗެއް ކުތުބުޚާނާއަކީ. ގޭގޭގަވެސް ފޮތް ހަރުގަނޑު ވަރަށް ނުހުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ކަންކަމާމެދު ލިޔާނެ ލިޔުންތެރީން އޭރުން ތިބޭނެ. ލިޔެވޭ ފޮތްތައް ފެންނަން ހުންނާނެ. އެހިސާބަށް ދެވޭނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ." ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިއްދިއްޖެނަމަ އެކި ތަންތަން ފަރުމާކުރާއިރުވެސް ދިވެހީންގެ ސިފަތަކުން ފަރުމާ ވެގެންދާތަން ފެންނާނެކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެ ވަޒީރު ވަނީ ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް