ޢަރަފާތު ދުވަސް: މިއަދަކީ ފާފަފުއްސެވުމާއި ޢަފޫކުރެއްވުމުގެ ދުވަހެއް

މިއަދަކީ މާާތްވެގެންވާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަސްކަމުގައިވާ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ.

މިއަދު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތްﷲ ފުއްސަވައިދެއްވައެވެ. މިއަދަކީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި، މުއްތިކުރެެއްވުމުގެ ދުވަހެވެ. އަދި މިއަދަކީ ހަމައެކަނި ޙައްޖުވެރިންނަށް ޚާއްސަވެގެންވާ ދުވަހެއް ނޫނެވެ. މާތް ﷲ ގެ ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުންވެސް މިއަދުގެ ސަވާބުން މަހުރޫމެއް ނުކުރައްވަވައެވެ.

އަރަފާތު ދުވަހަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރާ ދުވަހެވެ. އަރަފާތުގައި ވުޤޫފުވުމަކީ ޙައްޖުގެ ރުކުނެކެވެ. މިރުކުން އަދާނުކޮށްފިނަމަ ޙައްޖު ޞައްޙައެއް ނުވާނެއެވެ. އަދި މިދުވަހަކީ ﷲ ގެ ރަޙްމަތާއި މަޣްފިރަތް އެންމެ ގިނައިން ބާވައިލައްވާ ދުވަހެވެ.

އަރަފާތު ދުވަހުގެ މާތްކަމާ ބެހޭގޮތުން ގިނަގުނަ ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ. އެގޮތުން، ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅުއިތުރުވެގެންވެއެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި އަޅަމެންގެ މާތް ނަބިއްޔާ ﷺ ގެ ހަދީޘުން ސާބިތުވެއެވެ.

އަރަފާތު ދުވަހުގެ ޚާއްޞަކަން

އަރަފާތު ދުވަހަކީ އިސްލާމްދީން ފުރިހަމަވި ދުވަހެވެ. އަދި އެދުވަހު ﷲ ގެ ނިޢުމަތް އުއްމަތަށް ފުރިހަމަ ކުރެއްވިއެވެ. މިކަން ކީރިތި ޤުރުއާނު އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތުން ދޭހަވެގެންދެއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

މި އާޔަތް ބާވައިލެއްވުނީ ހިޖުރައިން 10 ވަނަ އަހަރު، ޙައްޖަތުލް ވަދާޢުގައި، އަރަފާތު ދުވަހުގައެވެ. މިއީ ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގެ އެންމެ ފަހު ޙައްޖެވެ.

އަރަފާތު ދުވަހު އަމަލުކުރަން ވީގޮތް

އަރަފާތު ދުވަހު ކުރުން އެދެވިގެންވާ އަޅުކަންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:

  • ރޯދަ ހިފުން (ޙައްޖުވެރިން ފިޔަވައި)
  • ގިނަގިނައިން ދުޢާކުރުން
  • ޛިކުރު ކުރުން
  • ޞަދަޤާތް ކުރުން
  • ކީރިތި ޤުރުއާން ކިޔެވުން
  • ޞަލަވާތް ކިޔުން

އަރަފާތު ދުވަހުގެ ދުޢާގެ މާތްކަން

އަރަފާތު ދުވަހުގެ ދުޢާއަކީ ދުޢާތަކުގެ ތެރެއިން އެންމެ މާތް އެއް ދުޢާއެވެ. އެދުވަހު ކުރާ ދުޢާ ﷲ އިޖާބަ ކޮށްދެއްވާނެ ކަމުގެ އުންމީދު ބޮޑެވެ. އެހެންކަމުން އެދުވަހު ވީހާވެސް ގިނައިން ދުޢާކުރުމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވެއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: "އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ."

އަރަފާތު ދުވަހުގެ އެންމެ މާތް ދުޢާއަކީ ނަބިއްޔުންނާއި އެބޭކަލުންގެ ކުރީގެ ބޭކަލުން ކުރެއްވި ދުޢާއެވެ. އެއީ:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

މާނަ: "ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ވެރިކަން ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ލިބިވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ."

ޢަރަފާތު ދުވަހު ދުޢާ ކުރުމުގައި އިޚްލާޞްތެރިކަމާއެކު، ﷲ އަށް ބިރުވެތިވެ، އެކަލާނގެ ރަޙްމަތަށް އުއްމީދުކޮށް ދުޢާކުރުން މުހިންމެވެ. އަދި ދުޢާ ޤަބޫލުވާނެކަމުގެ ޔަޤީންކަން ކޮންމެ މުސްލިމަކުވެސް ގެންގުޅުން މުހިންމެވެ. އަދި ޢަރަފާތު ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަކީ އަޅަމެން ހުރިހާ މުސްލިމުންވެސް ނުހަނު ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް