ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ކައިރީގައި ހުއްޓައި އެވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އެނާ ހުއްޓުވައި، ބެލިބެލުމުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނުމާ ގުޅިގެންނެވެ.

އެގޮތުން އެސަރަހައްދު ބެލިބެލުމުން އޭނާ ވަނީ އެސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފައެވެ.

މީގެ އިތުރުން، ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަދި ހައްޔަރުކޮށްފައިވާ މީހާ އާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިންގ ކޭބަލް ފަދަ ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް