ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓު ތޮއްޖެހުމުގެ ފުރުސަތު ބޮޑުވާނެތީ ސަމާލުވުމަށް ފުލުހުން ބުނެފި

2025 މެއި 26، 27، 29 އަދި 30 ގައި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެކަމަށް ބެލެވޭތީ، އެ ދުވަސްތަކުގައި އެއަރޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން ދަންނަވައިފިއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، އެދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭކަމަށާއި، އެހެންކަމުން އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އެ ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށެވެ.

އަދި އެއާޕޯޓުން ފުރާ އެހެން މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް އިލްތިމާސްކުރަމެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް