ޕްރިމިއާ ލީގު ތަށި ލިވަޕޫލަށް ހަވާލުކުރާ ވަގުތު ހުޅުމާލޭގައި ހަވާ އަރުވަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް އަންނަ އާދީއްތަ ދުވަހުގެ ރޭ ތަށި ހަވާލުކުރާ ވަގުތު، ހަވާ އަރުވަން ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް (އޯއެލްއެސްސީ މޯލްޑިވްސް) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ކްލަބްއިން އާއްމުކުރި ބަޔާނުގައި ބުނީ، އާދީއްތަ ދުވަހުގެ ރޭގެ ރަސްމިއްޔާތާ ގުޅުވައިގެން ހަވާ އެރުވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށާއި މި ހަރަކާތްތައް އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 7:30 އިން ފެށިގެން ކަމަށެވެ. 

ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކޮށްފައިވިޔަސް، އެޓީމަށް ތަށި ހަވާލުކުރާނީ މި ސީޒަނުގެ ލީގު ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް އެރޭ 8 ޖަހާއިރު ކުޅޭ މެޗަށްފަހުއެވެ.

އެހެންކަމުން، އެ ސަރަހައްދުގައި ސްކްރީން ހަރުކޮށް މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށާއި އެ ހަރަކާތުގައި ލިވަޕޫލަށް ސަޕޯޓްކުރާ ހުރިހާ ސަޕޯޓަރުންނާއި، ކުޅިވަރަށް ލޯބިކުރާ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވުމަށް ލިވަޕޫލް ސަޕޯޓާސް ކްލަބް އެދެއެވެ.

"މި ހަރަކާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު ނިމުމަށްފަހު ލިވަޕޫލަށް މި ސީޒަނުގެ ޕްރިމިއާ ލީގު ތަށި ހަވާލުކުރާ ވަގުތާއި ދިމާކޮށް 10:15 އާއި 10:30 އާ ދެމެދު އެވެ" ލިވަޕޫލް ސަޕޯޓާސް ކްލަބް އިން ބުނެފައިވެއެވެ.

މިއީ 2018 ވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް އުފެއްދި ކްލަބެކެވެ. އޭގެފަހުން އެ ކްލަބުން އަންނަނީ ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް