ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއަށް އާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއަށް އާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެގޮތުން ޚިޔާލު ހޯދަން ހުޅުވާލާފައިވަނީ، މާލެގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުއަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ކުރި ޕޯސްޓުގައި ވަނީ، ބޮޑުތަކުރުފާނު މަގުގެ އުތުރު ބައި ތަރައްގީކުރުމާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާގެ ބޭނުމަށް، އާއްމުންގެ ޚިޔާލު އެއްކުރުމަށް ސާވޭއެއްގައި ބައިވެރިވުމަށް ހުޅުވާލާފަ އެވެ.އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަގު ބޭނުންކުރަމުންދާ ގޮތާއި ބޭނުންކުރާ ވަރު، ދެނެގަނެ މަޝްރޫއުގެ ކަންކަން ރާވާ، ބައްޓަން ކުރުމަށް އެ މައުލޫމާތު ބޭނުން ކުރެވޭނެ ކަމަށެވެ.

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް 9 ގަ އެވެ. އެ ކުންފުންޏާއި އެ މަޝްރޫއު ހަވާލުކުރީ، 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރު ސަރަހައްދެއްގައި ތާރުއަޅާނެ އެވެ. ދުވާރާއި، ފެން ހިންދާ ނިޒާމު ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރާނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް