މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާ ވެސް ދަމަހައްޓައިފި

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޕީރިއަޑިކް ރިވިއުއިން، ރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަ ރޭޓިން "ސީއޭއޭ2" ގައި އަނެއްކާ ވެސް ދަމަހައްޓައިފިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފައެވެ.

އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފައެވެ. ކްރެޑިޓް ރޭޓިންގ ދެމެހެއްޓީ އިގްތިސާދަށް އަންނަ ރަނގަޅު ބަދަލުތަކާއި އެކުގައެވެ.

މޫޑީސް އިން ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީސްއިން މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިންގ ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދު ރަނގަޅުވަމުން އައިސްފައިވައިކަމަށާއި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ފުރުޞަތުތައް ރަނގަޅުކަންކަން ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޯބަރު 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކޮށްފައިވާއިރު އެއީ، ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާހުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ.

މޫޑީޒްއިން ދެކޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، މާލީ އެހެން އިދާރާތަކުންވެސް  ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވައިލާފައެވެ. އެ ލަފަޔާ އެއްގޮތަށް  ސަރުކާރުންވަނީ ޚަރަދު ކުޑަ ކުރަން އިސްލާހީ ފިޔަވަޅުތަކެއް އިއުލާންކޮށް ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް