ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ބަޔޯޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ނޭޗާ ޕާކުން ފޮޓޯ ނެގުމުގެ މުބާރާތެއްގައި އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

"ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށްކަމަށްވާއިރު މި މުބާރާތަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ވެސް މުބާރާތަށް ދެ ފޮޓޯ ހުށަހެޅިދާނެކަމަށާއި ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަސްކަމަށް އައްޑޫ ނޭޗާ ޕާކުން މައުލޫމާތުދީފައިވެއެވެ. އަދި އައްޑޫ ނޭޗާ ޕާކުގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހަޅައިގެން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގައި އެންމެ މޮޅު ތިން ފޮޓޯ ހޮވައި، އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 3,500 ރުފިޔާ، ދެވަނައަށް 2,500 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާ ލިބޭނެއެވެ.

ބަޔޯޑައިވަސިޓީ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ނޭޗާ ޕާކުގެ ނަންބަރު 7580059 އަށް ގުޅުމަށް އެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް