ސަންލޭންޑް ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިރޭ އިޝާ ނަމާދަށްފަހު

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު ކަމުގައިވާ މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު)ގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން ނަޒީރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ނަޒީރު އަވަހާރަވީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ.


ނަޒީރު އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އެބޭފުޅާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް