އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާއިރު ފުލުހުންގެ މަސައްކަތަށް ހުރަސް ނޭޅޭނެހެން މަސައްކަތްކުރުމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ، މީީޑިއާއަށް ފޮނުވި މެސެޖެއްގައެވެ.

އެގޮތުން ފުލުހުން ވަނީ ނޫސްވެރިންގެ ސަމާލުކަމަށް ބައެއް ކަންކަން ގެނެސްފައެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަމާއި، އެއްވުންތަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އަންނަނިވި ކަންކަމަށް ސަމާލުވެ ވަޑައިގަތުމަށް ފުލުހުންވަނީ ދަންނަވާފައެވެ.

1. "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ބޭނުންކުރެއްވުން. (ކާޑު ނެތްނަމަ ވީހާވެސް އަވަހަށް ކާޑު ހެއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އެދެން)
2. މި އެކްރެޑިޓޭޝަން ކާޑު އަބަދުވެސް ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކުރައްވައިގެން މަސައްކަތް ކުރެއްވުން.
3. ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރެއްވުން.
4. ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމާއި ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރިއަށް ގެންދެވުން.
5. ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުން.

މީގެ އިތުރުން، އެކްރެޑިޓްކޮށްފައިވާ ފާސް ލިބެންދެން، ކުރިއަށް އޮތް ހަތަރު ދުވަހު (މެއި 12-15 އަށް)، އެ ނޫސްވެރިއަކު ތަމްސީލުކުރައްވާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރެއްވުމުގައި ބޭނުން ކުރެއްވޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިގޮތަށް އަމަލުކުރެއްވުމުން، ނޫސްވެރިންގެ މަސައްކަތަށްވެސް ލުއިފަސޭހަކަން ލިބި، ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމުގައި ދެކެމެވެ. އަދި މީގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާވެ، ދެފަރާތުގެ މަސައްކަތަށް ފަހިކަން ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާކަމަށްވެސް ފުލުހުން ފޮނުއްވި މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް