މަސްތުވާތަކެތި ބޭނުންކުރުން އިތުރުވާތީ ހާއްޞަ އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގް ބޭނުންކުރުން އިތުރުވުމުގެ މައްސަލަތައް އާއްމުވުމާއި ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިކަމާ ގުޅިގެން އެ އޭޖެންސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ބައެއް ފަރާތްތަކުގެ ފޮޓޯއާއި ވީޑީއޯ ފަތުރަމުންދާތީއާއި، އަދި އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން ހިފަހައްޓައި އަނިޔާކޮށް ވީޑިއޯކޮށް މީސްމީޑިއާގެ ގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުންތައް އެ އޭޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

އަދިއެ މައްސަލަތަކާ ގުޅިގެން ފުލުހުންނާ ގުޅިގެން އެ އެޖެންސީއިން ހާއްޞަ އޮޕަރޭޝަނެއް ފަށާފައިވާކަމަށާއި، ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި، އެނޫންވެސް މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވަނީ ރައްކާތެރި އެއްޗެހީގެ ގޮތުގައި ނަމަވެސް މި ތަކެއްޗަކީ ފުރާނަ އަށް ނުރައްކާވާ ތަކެތި ކަމަށެވެ.

އަދި ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެނޫންވެސް ޒާތްޒާތުގެ މަސްތުވާ މާއްދާތައް ބޭނުން ނުކުރުމަށް އެންޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރޗް 25 ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "އައުޓް ރީޗް" ޕްރޮގްރާމުން، ކަންބޮޑުވާ މިންވަރަކަށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި، ދުންފަތުގެ އިސްތިރުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އަދި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެނިއްޖެނަމަ އެ އެޖެންސީގެ އިމަޖެންސީ ނަމްބަރު 911އަށް ނުވަތަ އެ އެޖެންސީގެ ހޮޓްލައިން 1410 ނަމްބަރަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އެ އެޖެންސީ ވަނީ އެދިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް