"ގަސްރުކުން މަލަ ފެވޭ" ގެ ޅެންވެރިޔާ އައިޝަތު އަނީސް އަވަހާރަވެއްޖެ

ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ލިބިފައިވާ "އޯ ވަޒަން" ނުވަތަ "ގަސްރުކުން މަލަ ފެވޭ" ލަވައިގެ ޅެންވެރިޔާ މއ. މާގަސްދޮށުގޭ އައިޝަތު އަނީސް 91 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ.

އައިޝަތު އަނީސްއަކީ ކުރީގެ ގައުމީ އަޑުގެ ވެރިޔެއް ކަމަށްވާ އަލްމަރުހޫމް އަބްދުﷲ ހަސަންގެ އަނބިކަނބަލުންނެވެ.

އައިޝަތު އަނީސްގެ ޅެންވެރިކަމުގެ ހުނަރުވެރިކަން ފާހަގަކޮށްލެވޭ ބައެއް ޅެންތަކުގެ ތެރޭގައި "އިސްލާހު ވާން އެދޭނަމަ" އަދި "ވިންދަކީ ދާދި ފަސޭހައިންމީ ނެތޭ ބާރު ނޫންހޭ" ފަދަ މަޝްހޫރު ޅެންތައް ހިމެނޭއިރު އައިޝަތު އަނީސްއަކީ ރާއްޖޭގައި އަންހެނުންނަށް ތަޢުލީމީ ފުރުސަތު ފުރަތަމަ ހުޅުވުނުއިރު، އެ ފުރުސަތު ލިބިވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި ސަރުކާރުގެ ވަޒީފާއަށް އެންމެ ފުރަތަމަ ވަދެވަޑައިގެންނެވި އަންހެން ބޭފުޅުންގެ ތެރޭގައިވެސް އެބޭފުޅާ ހިމެނިވަޑައިގަންނަވައެވެ.

މަޢުލޫމާތު ލިބޭގޮތުގައި އައިޝަތު އަނީސް އަވަހާރަވީ، އުމުރުފުޅުން ދުވަސްވުމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. އެބޭފުޅާގެ ކަށު ނަމާދު އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް