ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމުގައި ބައިވެރިވެވަށައިގެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

50 އެނދުގެ މި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު އިމާރާތުގައި މެމޮގްރަފީ ޚިދުމަތާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެއެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ ސްޓާފުންނާއި އަތޮޅުތެރޭގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ވަސީލަތްތައްވެސް ޤާއިމްކުރެވޭނެއެވެ.

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުން/ -ފޮޓޯ: ރައީސް އޮފީސް

ކުޑަހުވަދޫގައި އެއަރޕޯޓެއް ޤާއިމްކުރެވިފައިވާތީ، އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަރޖެންސީ އީއާރެއް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ކޯވިޑް ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައި ހޮސްޕިޓަލުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

މި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އަޅާނެކަމަށާއި، ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް