ގެއްލުން ލިބިފައިވާ ފަރުތަކުގައި މުރަކަ އާލާކުރުމަށް، އެމްއޯޔޫގެ ސަބަބުން އެހީތެރިކަން ލިބޭނެ

ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީއާއި ޗައިނީސް އެކަޑަމީ އޮފް ސައިންސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާނީ ގެއްލުން ލިބިފައިވާ ފަރުތައް އިއާދަކުރުމުގެ މަސައްކަތްކަމަށް ތިމާވެއްޓާބެހޭ ވުޒެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޖާސޫސުކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ތިމާވެށީގެ ވުޒާރާއިން ވިދާޅުވީ، މި އެމްއޯޔޫގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މުރަކަ އާލާކުރުމުގެ މަސައްކަތް ކަމަށާއ މި މަސައްކަތް ކުރިއަށްދާނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބެލުމުގެ ދަށުން، އީޕީއޭއިން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.

"މިވަގުތު މި މަސައްކަތް ކުރިއަށްގެންދަން ފުރަތަމަ ކަނޑައަޅާފައި އޮތީ މީގެ އަހަރުތަކެއް ކުރިން ބޯޓެއް ފަރަށް އެރުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ރަސްފަރީ ފަރުގައި،" ވުޒާރާ

ތިމާވެއްޓާބެހޭ ވުޒާރާއިން  މި ކޮރަލް ރީސްޓޯރޭޝަންގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ފަންނީ ޤާބިލްކަން ލިބިފައިވާ މުވައްޒަފުން އީޕީއޭގައި ތިބި ނަމަވެސް، އެ މަސައްކަތަށް ބޭނުންވާ ފަންނީ އާލާތްތައް ލިބުމުގައި ދަތިތަކެއް ހުރެއެވެ. ނަމަވެސް މި އެމްއޯޔޫގެ ސަބަބުން އެ ތަކެތި ލިބޭނެއެވެ. މިގޮތުން، ޗައިނީސް އެކަޑަމީ އޮފް ސައިންސްއިން ޕޯޓަބަލް ވެދަރ ސްޓޭޝަނަކާއި ޓެމްޕަރޭޗަރ ލޮގާއެއް ފޯރުކޮށްދޭނެއެވެ.

ތިމާވެށީގެ ވުޒާރާއިން އަދި ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީވެސް ނަގަންޖެހޭ ހުއްދަތައް ނަގައިގެންނެވެ. "ޗައިނާއިން ފޯރުކޮށްދޭ ސާމާނު ހަރުކުރުމާއި، އެ ބޭނުންކުރުމާއި، އެ ކަމާ ގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އީޕީއޭގެ މުވައްޒަފުން،" ވުޒާރާއިން ބުނެފައިވެއވެ.

މި މަޝްރޫޢުއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ތިމާވެށީގެ ވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް