އެޗްޑީސީ ގެ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024" ނިންމައި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ހުޅުމާލޭގެ ޝްވެކް ސިނަމާގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިޔުކޭޝަންގެ ޑރ. އަލީ ހައިދަރު އަހްމަދެވެ.

މިއީ އެޗްޑީސީން މިހާތަނަށް ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށާއި، މި އަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޔޫތް މިނިސްޓްރީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެންއޭޕީ)ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ގާރޑަނިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން އާއެކު ޖުމްލަ ހަ ދާއިރާއަކުން ބައިވެރިން ތަމްރީނުކޮށްފައިވެއެވެ.

އެޗްޑީސީން ވިދާޅުވިގޮތުގައި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެ ކޯޕަރޭޝަނާއި ޔޫތް މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ. ތަމްރީނު ދޭ އިންސްޓިޓިއުޓުގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖައްސާފައިވަނީ ޔޫތް މިނިސްޓްރީންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް