ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެފަދަ މެނޭޖްމަންޓް ސިސްޓަމެއް ހަދަނީ

ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެގޮތަށް އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި ސިސްޓަމަކީ 45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ސިސްޓަމެކެވެ.

ރިޔާސީ ބަޔާން 2025 ފޯރަމްގައި މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި ސިސްޓަމް މެދުވެރިކޮށް ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރާއި، އުނގެނުމުގެ މާހައުލުގައި ހިނގާ ކަންތައްތަކާއި، ޓެސްޓްތަކުގެ މަޢުލޫމާތު ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.

"ދަރިވަރުންގެ ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެ. އަދި އެޕްލިކޭޝަންތައް މެދުވެރިކޮށް މި ސިސްޓަމްގެ ތެރެއިން މުދައްރިސުންނާ ގުޅޭ މަޢުލޫމާތުތައްވެސް މުދައްރިސުންނަށް ފެންނާނެ," ވަޒީރު ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސا ޕްލެޓްފޯމެއް ޤާއިމްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފޯރަމްގައި ވަޒީރު ހާމަކުރެއްވި މަޢުލޫމާތުތަކުގެ ތެރޭގައި، 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޤައުމީ މަންހަޖުން ކީ ސްޓޭޖް 1 އަދި 2ގައި ކިޔަވައިދޭ މާއްދާތަކުގެ ފެންވަރާ ބެހޭ މަޢުލޫމާތުވެސް ހިމެނެއެވެ. އެގޮތުން ހިސާބު މާއްދާއިން 2015 ވަނަ އަހަރު 50 އިންސައްތަ ދަރިވަރުން ފާސްވި ނަމަވެސް، 2023 ވަނަ އަހަރު މި އަދަދު ވަނީ 46 އިންސައްތައަށް ދަށްވެފައެވެ.

މީގެއިތުރުން ދިވެހި އަދި އިނގިރޭސި މާއްދާއިންވެސް ދަރިވަރުން ފާސްވާ މިންވަރު ދަށްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް