ލަގްޒަރީ ކްރޫޒް ޝިޕް، އެމްއެސް ހެބްރިޑިއަން ސްކައި، 100 ވަރަކަށް ފަތުރުވެރިންނާ އެކު އައްޑުއަށް

ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް "އެމްއެސް ހެބްރިޑިއަން ސްކައި" 100 ވަރަކަށް ފަތުރުވެރިންނާ އެކު މިއަދު ހެނދުނު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ. މި ކްރޫޒް ޝިޕުގައި އައި ފަތުރުވެރިން، އެއީ މައިގަނޑު ގޮތެއްގައި އިނގިރޭސިވިލާތުގެ ފަތުރުވެރިން، ފޭބީ މަރަދޫ ބަނދަރަށެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން މަރަދޫ އަވަށު އޮފީހުން އިންތިޒާމުކުރި ޚާއްސަ ރަސްމިއްޔާތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަގާފަތް ދައްކުވައިދޭ ހަރަކާތްތަކާއި ސަގާފީ ތަކެތި ފަތުރުވެރިންނަށް ހުށަހަޅައިދިނެވެ.

ރަސްމިއްޔާތަށްފަހު، އައްޑޫގެ އީކޯ ޓޫރިޒަމް އާއި މެރިން ކޮންޒަވޭޝަނަށް މަސައްކަތްކުރާ މަންޓާ އެކްސްޕެޑިޝަންސް ގްރޫޕުން ވަނީ ފަތުރުވެރިންނަށް އައްޑޫގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޚާއްސަ ޓުއަރެއް ހިންގާފައެވެ. މި ޓުއަރގައި ފަތުރުވެރިން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި އައްޑޫ ނޭޗާ ޕާކާއި އެ އަތޮޅުގެ ތާރީޚު ދައްކުވައިދޭ "ކޮށިދޮރަގެ އައްޑޫ ހެރިޓޭޖު ހައުސް" ހިމެނެއެވެ.

އެމްއެސް ހެބްރިޑިއަން ސްކައި އަކީ ކުޑަ ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކުދި ކްރޫޒް ޝިޕްތަކުގެ ތެރެއިން އެއް އުޅަނދެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް