ސޯޝަލް މީޑިއާގައި ހޭބޯނާރައިގެން އުޅޭ އިންފްލުއެންސަރުންގެ އަޑުގަދަވެފައިވާ އެމީހުން ކިޔާނުކިޔާ އެއްޗެއްގެ ހަގީގަތް ވެސް ބައެއް ފަހަރަށް ބަލާލަންވާނެ އެވެ. އެގޮތުން "ޗިއާ ސީޑް ވޯޓާ" މިއީ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ މެދުގައި ހިޓެކެވެ.
ސިއްހީ ތަޖުރިބާކާރުން ކަމަށް ހެދިގެން އުޅޭ ގިނަ އިންފްލުއެންސަރުން ބުނާ ގޮތުގައި މީގެ ސަބަބުން ބަނޑުހިކުމުގެ މައްސަލަ ހައްލުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. އެކަމަކު މިއީ ހަމަ ހަގީގަތެއް ހެއްޔެވެ؟
ޓިކްޓޮކްގައި ދައުރުވާ ވީޑިއޯއެއްގައި އަންހެނަކު، ޗިއާ ސީޑާއި ލުނބޯ ހުތް އަޅާފައިވާ ފެންފުޅިއެއް ދައްކާލަމުން ބުނެފައިވަނީ، އޭނާ އެ ބޯތާ ހަތަރު ދުވަސް ވެއްޖެ ކަމަށެވެ. "މިއީ އިންޓަނެޓުން އަހަރެންނަށް ދަސްވި އެންމެ ފައިދާހުރި ކަންތައް،" އޭނާ ބުނެ އެވެ. އޭނާއަކީ ވަރަށް ބޮޑަށް ބަނޑުހިކުމުގެ މައްސަލަ ހުންނަ މީހެއް ނަމަވެސް، މި ފެން ބޯން ފެށިފަހުން އެ މައްސަލަ މުޅިން ހައްލުވެއްޖެ ކަމަށް އޭނާ ދައުވާ ކުރެއެވެ.
ޓިކްޓޮކްގައި މި ބުއިން "އިންޓާނަލް ޝަވާ" ގެ ނަމުން މަޝްހޫރުވެފައިވާއިރު، މިފަދަ ވީޑިއޯތަކަށް މިލިއަނުން ވިއުސް ލިބެއެވެ. މިއީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. ބޭނުންވަނީ އެންމެ ސަމްސަލެއް ނުވަތަ ދެ ސަމްސާ ޗިއާ ސީޑާއި، ފެން އަދި ރަހަ ޖެއްސުމަށް ކުޑަ ލުނބޯ ހުތްކޮޅެކެވެ. މި ބުއިމުގެ ސަބަބުން ބަނޑު ފޮއްސިވުން ކުޑަކޮށްދީ، ބަރުދަން ލުއިކޮށްދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެމެރިކާގެ މިޝިގަން މެޑިސިންގެ ކާނާއާ ބެހޭ މާހިރެއް ކަމަށްވާ އަމަންޑާ ލިނެޓް ވިދާޅުވާ ގޮތުގައި، މި ދައުވާތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެންވެއެވެ. ޗިއާ ސީޑަކީ ފައިބަރު ވަރަށް ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ، ބަނޑުހިކުމުގެ މައްސަލަ ހުންނަ މީހުންނަށް އޭނާ އަބަދުވެސް ޗިއާ ސީޑް ބޭނުންކުރުމަށް ލަފާދެއެވެ.
ނަމަވެސް، މީގެ ފައިދާ ހޯދުމަށްޓަކައި ކޮންމެހެން ފެނަށް އަޅައިގެން "ގޮވާމެއް" ގޮތަށް ބޯކަށް ނުޖެހެއެވެ. މާހިރުން ވިދާޅުވާ ގޮތުގައި ޗިއާ ސީޑް ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް — އޯޓްސް ނުވަތަ ޔޯގަޓް މައްޗަށް އަޅައިގެން، ނުވަތަ ޕުޑިން އަދި ސްމޫތީ ފަދަ ތަކެތީގައި ހިމަނައިގެން ކެއި ނަމަވެސް — އޭގެއިން ހަޖަމުކުރުމުގެ ނިޒާމަށް ހަމަ އެއް ފައިދާއެއް ކުރާނެއެވެ.
ޗިއާ ސީޑް ބޭނުންކުރުމުން ބަނޑުހިކުން ކުޑަވާކަން ސީދާ ސާބިތުކޮށްދޭ ވަކި ޚާއްޞަ ދިރާސާއެއް މިހާތަނަށް ހެދިފައިވާކަން އެނގިފައެއް ނެތެވެ. ނަމަވެސް، ޗިއާ ސީޑްގައި ގިނަ އަދަދަކަށް ހިމެނޭ "ޑައިޓަރީ ފައިބަރު" އަކީ ހަށިގަނޑަށް ބޭނުންތެރި، އަދި ބަނޑުހިކުމުން ސަލާމަތްވުމަށް އެހީތެރިވެދޭ މުހިންމު މާއްދާއެއްކަން ސައިންޓިފިކް ދިރާސާތަކުން ވަނީ ކަށަވަރުވެފައެވެ.




