ހެނދުނުގެ އެލާމް ކަނޑާލާފައި އަލުން ނިދުމަކީ ނުރައްކަލެއްތަ؟

ހެނދުނަށް ސެޓުކުރާ އެލާމް ތެޅިފޮޅިގަންނައިރު ގިނަ ފަހަރަށް އަހަރެމެން ތިބެނީ ފަތިހުގެ ގަދަ ނިދީގައި "ޒޮމްބީންތަކެއް" ފަދައިން މަރުވެފަ އެވެ. ހޭލާ ހިތް ނުވެފަ އެވެ. އިރުކޮޅަކަށް ނިދާލަން ބޭނުންވެފަ އެވެ. އެކަމަކު އެލާމް "ސްނޫޒް" ކޮށްލައިގެން މަދު މިނެޓުކޮޅަކު ނިދާލުމަކީ ހަގީގަތުގައިވެސް އެހާ ގޯސް ކަމެއް ހެއްޔެވެ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުން 21،000 އަށްވުރެ ގިނަ މީހުންގެ ނިދުމުގެ އާދަތައް ހަ މަސް ދުވަހު ފޯނު މެދުވެރިކޮށް ބަލައި ހެދި ދިރާސާއަކުން ފާހަގަވެފައި ވަނީ މިއީ ވަރަށް އާންމު ކަމެއް ކަމަށެވެ. އެއީ، ރެކޯޑު ކުރެވުނު ރޭތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރޭ، މީހުން ތެދުވުމުގެ ކުރިން އެވްރެޖްކޮށް 2.4 ފަހަރު ސްނޫޒް ބަޓަނަށް ފިއްތާލާފައިވެ އެވެ.

ސްނޫޒް ކުރުމަކީ ތެދުވުމުގެ ކުރިން އިތުރަށް ނިދާލުމަށްޓަކައި، ކައިރިކައިރީގައި ގިނަ އެލާމްތަކެއް ސެޓުކުރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު މާ ލަހުން ނިދާ މީހުންނާއި، ހޭލާއިރު ވަރަށް ބޮޑަށް ނިދި އަންނަ މީހުން އަދި ރޭގަނޑު ގިނައިން ހޭލެވޭ މީހުން ސްނޫޒް ކުރުމުގެ ފުރުސަތު ބޮޑެވެ.

ނިދުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ސްނޫޒް ކުރުމުން ސިއްހަތަށް ނުވަތަ ދިރިއުޅުމުގެ ފެންވަރަށް ކުރާ އަސަރާ ބެހޭ ގޮތުން ހެދިފައިވަނީ ވަރަށް މަދު ދިރާސާއެކެވެ. ނަމަވެސް، ލިބެން ހުރި މަދު ހެކިތަކުން އެނގޭ ގޮތުގައި މީގެ ޖަވާބު ބިނާވަނީ އެ މީހަކު ސްނޫޒް ކުރަން އިޚްތިޔާރު ކުރާ ސަބަބަށެވެ.

ސްނޫޒް ކުރުމަކީ ގޯސް ކަމެއް ކަމަށް ބެލެވެނީ ކީއްވެ؟

ސްނޫޒް ކުރުމާ ދެކޮޅު ބައެއް ސައިންސްވެރިން ބުނާ ގޮތުގައި، މީގެ ސަބަބުން އާރުއީއެމް ނިދި ލިބޭ މިންވަރު މަދުވެއެވެ. އާރުއީއެމް ނިންޖަކީ ސިކުނޑީގެ ދުޅަހެޔޮކަމަށާއި، ހަނދާން ވަރުގަދަކުރުމަށާއި، އިހުސާސްތައް ތަރުތީބުކުރުމަށް ވަރަށް މުހިންމު މަރުހަލާއެކެވެ. މި ނިދި އާންމުކޮށް ގިނައިން ލިބެނީ ފަތިހުގެ ވަގުތުތަކުގައެވެ. އެހެންކަމުން، ސްނޫޒް ކުރަން ވަގުތު ހޯދުމުގެ ގޮތުން މާ ކުރިން އެލާމް ސެޓުކުރުމަކީ މި މުހިންމު ނިދި މެދުކަނޑާލެވޭ ކަމެކެވެ.

ބޮސްޓަންގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ސައިންސްވެރިއެއް ކަމަށްވާ ރެބެކާ ރޮބިންސް ވިދާޅުވާ ގޮތުގައި، އެލާމް ކަނޑާލުމަށްފަހު އަލުން ނިދާއިރު އެއީ ގިނަ ފަހަރަށް ލުއި ނިންޖަކަށް ވާތީ، އޭގެއިން ހަށިގަނޑަށް ލިބެންޖެހޭ ފުރިހަމަ އަރާމެއް ނުލިބެއެވެ.

ނަމަވެސް، ޔުނިވަރސިޓީ އޮފް މިޗިގަންގެ ޑރ. ކެތީ ގޯލްޑްސްޓީން ވިދާޅުވަނީ ހެނދުނު ގެއްލޭ ކުޑަ އާރުއީއެމް ނިދިކޮޅެއްގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ބޮޑު ނޭދެވޭ އަސަރެއް ކުރާކަމުގެ ވަރުގަދަ ހެއްކެއް އަދި ނެތް ކަމަށެވެ.

އެހެންނަމަވެސް، ސްނޫޒް ކުރުމުގެ ސަބަބުން ނިދާ ވަގުތުތައް އޮޅުންބޮޅުންވާ ނަމަ އެއީ މައްސަލައެކެވެ. ކޮންމެ ދުވަހަކު ތަފާތު ގަޑިތަކެއްގައި ހޭލާ ނަމަ، ހަށިގަނޑުގެ އެތެރޭގެ ބަޔޮލޮޖިކަލް ގަޑީގެ މައްސަލަޖެހި، ނިދަން އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެއެވެ.

ސްނޫޒް ކުރުމަކީ ނިދީގެ އެހެން މައްސަލައެއްގެ ނިޝާނެއްބާ؟

ބައެއް ފަހަރު މީހުން ސްނޫޒް ކުރަނީ ނިދި މަދުވުމުން ނުވަތަ ނިދީގެ ބަލިތަކެއް ހުންނާތީ ކަމަށް މާހިރުން ވިދާޅުވެއެވެ. ނިދި ނުލިބޭ ބަލި ނުވަތަ ނިދީގައި ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ހުންނަ މީހުން ސްނޫޒް ކުރުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ހެނދުނު ހޭލަން އުނދަގޫވެދާނެއެވެ.

ސްނޫޒް ކުރުމަކީ އަސްލު މައްސަލަ ފޮރުވައިދޭ "އައްޑަނައަކަށް" ވެގެން ނުވާނެއެވެ. ނިދި ރަނގަޅު ކުރުމަށްޓަކައި ކެފެއިން މަދުކޮށް، ނިދާ ކޮޓަރި އަނދިރިކޮށް ބަހައްޓައިގެން ހަފްތާއެއްހާ ދުވަހު ބެލުމަށްފަހު، އެއްވެސް ބަދަލެއް ނާންނަނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް