ދުނިޔޭގައި ހަކުރަކީ އެންމެ ބޮޑު "ވިލަން" ނުވަތަ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިފަކޮށް، އާޓިފިޝަލް ހަކުރަކީ "ހީރޯ" އެއްގެ ގޮތުގައި ދައްކާއިރު، މީގެ ހަގީގަތް އެނގެނީ މަދު ބަޔަކަށެވެ.
މަޝްހޫރު ޑައެޓީޝަން (ކާނާއާ ބެހޭ މާހިރު) ޝްވޭތާ ޖޭ ޕަންޗާލް ދާދިފަހުން ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އާންމުކޮށް މީހުން ބޭނުންކުރާ ތަފާތު ފޮނި އެއްޗެހި، ހަށިގަނޑުގެ ހަކުރުގެ މިންވަރަށް ކުރާ އަސަރާއި އޭގެއިން ލިބޭ ފައިދާއަށް ބަލައި 1 އިން 10 އަކަށް ރޭންކް ކޮށްފައެވެ.
އޭނާގެ ރޭންކިންގްސް ދައްކާގޮތުން އެންމެ ކުރީގައި އުޅެނީ 8 އަކާއި 9 އަކާ ދެމެދުގެ މާކްހެއް ލިބުނު މޮންކް ފްރުޓް އެވެ. ހާއްސަކޮށް ހަކުރުބަލި ހުންނަ މީހުންނަށް މިއީ އިންސިއުލިން މައްޗަށް ދިއުމުން ރައްކާތެރިކޮށްދޭ އެންމެ ރަނގަޅު ބަދަލެވެ. މީގެ އިތުރުން ކާއްޓަށް 7 އަކާއި 8 އަކާ ދެމެދުގެ ނަންބަރެއް ލިބިފައިވާއިރު، މާމުޔަށް ލިބިފައިވަނީ 7 އެކެވެ. ނަމަވެސް އާންމުކޮށް ސިއްހަތަށް ފައިދާހުރި އެއްޗެހީގެ ގޮތުގައި ބެލެވޭ ހަކުރުގަނޑު ނުވަތަ. ޖެގަރީ އަދި ސްޓީވިއާއަށް ލިބުނީ އެންމެ 5 މާކްހެވެ.
View this post on Instagram
ޝްވޭތާ ފާހަގަކުރި ގޮތުގައި ހުދު ހަކުރާއި، ބްރައުން ސުގަރ އަދި ކޮކޮނަޓް ސުގަރ އަކީ މާކެޓުގައި ކިތަންމެ ތަފާތުކޮށް އިޝްތިހާރު ކުރިޔަސް، ހަށިގަނޑުން އެ ތަކެތި ބޭނުންކުރަނީ އެއްގޮތަކަށެވެ. އެހެންކަމުން އެ ތިން ބާވަތަށްވެސް އޭނާ ދިނީ އެންމެ 3 މާކްހެވެ.
އޭނާ އެންމެ ބޮޑަށް ދެކޮޅުހެދީ އާޓިފިޝަލް ހަކުރަށެވެ. އެ ތަކެއްޗަށް އެންމެ ދަށް މާކްސް ދެމުން އޭނާ ވަނީ، "ސުގަރ-ފްރީ" ޖަހާފައި ހުންނަ ތަކެތި ގަންނައިރު އޭގައި ހިމެނޭ މާއްދާތަކަށް ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފައެވެ.
ހަކުރުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް، ހަށިގަނޑުގެ ހަކުރުގެ މިންވަރަށް ކުރާ އަސަރަށާއި އޭގެއިން ލިބޭ ފައިދާއަށް އެކަނި ބަލައި އެއް މިންގަނޑަކުން ވަޒަންކުރުމަކީ ކިހާ ފުރިހަމަ ކަމެއް ހެއްޔެވެ؟
ކޮންސަލްޓަންޓް ޑައެޓީޝަން އަދި ޑައިބެޓީސް އެޑިއުކޭޓަރެއް ކަމަށްވާ ކަނިއްކާ މަލްހޯތުރާ 'އިންޑިއަން އެކްސްޕްރެސް' އަށް ކިޔައިދިން ގޮތުގައި، "ފޮނިކުރަން ބޭނުންކުރާ ބާވަތްތައް އެއް މިންގަނޑަކުން ރޭންކް ކުރުމަކީ (ކަމެއް ދެނެގަތުމަށް) ފަށައިގަންނަން ރަނގަޅު ގޮތެކެވެ. ނަމަވެސް ތެދަށް ބުނާނަމަ، މިއީ ފޮތެއްގެ ބޭރުގަނޑަށް ބަލާފައި އެ ފޮތަކާ މެދު ގޮތް ނިންމުން ކަހަލަ ކަމެކެވެ. ގްލައިސީމިކް އިންޑެކްސް (ޖީ.އައި) އިން އެއްޗެއްގެ އަސަރު ހުންނާނެ ގޮތުގެ ކުރެހުމެއް ލިބުނު ނަމަވެސް، މާ މުހިންމު ތަފްސީލެއް ލިބެނީ ގްލައިސީމިކް ލޯޑް (ޖީ.އެލް) އިންނެވެ. އެއީ ތިމާ އެ އެއްޗެއް ބޭނުންކުރާ މިންވަރަށް ބަލާފައި ހަށިގަނޑަށް ކުރާ އަސަރެވެ. މިސާލަކަށް، މާމުއި ސަމުސަލެއް ބޭނުންކުރުމާއި ތިން ބޮޑު ސަމުސާ މާމުއި ބޭނުންކުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމްއަށް ކުރާ އަސަރު އުޑާއި ބިމާހާ ތަފާތެވެ."
އާޓިފިޝަލް ހަކުރާއި އާ ބަދަލުތަކާ ބެހޭގޮތުން އެންމެ ފަހުގެ ސައިންޓިފިކް ހެކިތަކުން ބުނަނީ ކީކޭ ހެއްޔެވެ؟
ހަކުރު ބޭނުންކުރުން މަދުކޮށްލަން ބޭނުންވާ މީހުންނަށް ފަހުގެ ދިރާސާތަކުން ލިބެނީ އުންމީދީ މައުލޫމާތުތަކެކެވެ. މަލްހޯތުރާ ފާހަގަކުރާ ގޮތުގައި، ގަހަކުން އުފައްދާ ބާވަތެއް ކަމަށްވާ ސްޓީވިއާއާއި މޮންކް ފްރުޓްއަކީ ލޭގެ ހަކުރާއި އިންސިއުލިން މައްޗަށްދާ ވަރުގެ ބަދަލެއް ގެންނަ އެއްޗެހި ނޫން ކަމަށްވުމުން، ހަކުރުބަލި ހުންނަ މީހުންނަށް މިއީ ދިގު މުއްދަތަކަށް ބޭނުންކުރަން ރައްކާތެރި، އެންމެ އިތުބާރު ހުރި ދެ ބަދަލެވެ.
ނަމަވެސް، ކުރިން ބޭނުންކުރަމުން އައި އާޓިފިޝަލް ހަކުރުގެ ބާވަތްތައް ކަމަށްވާ އެސްޕާޓޭމް، ސުކްރަލޯޒް އަދި ސެކަރިންގެ މައްސަލަ އޮޅުންބޮޅުން ބޮޑެވެ. ބޮޑެތި އިދާރާތަކުން މިއީ ރައްކާތެރި ތަކެތި ކަމަށް ބުންޏަސް، ފަހުގެ ދިރާސާތަކުން ބުނާގޮތުގައި މިއިން ބަނޑުގެ ބެކްޓީރިއާއަށް އަސަރުކޮށް، ދިގު މުއްދަތުގައި މެޓަބޮލިޒަމްއަށް މައްސަލަ ދިމާވެ، ހަކުރު ކެއުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެދާނެއެވެ.
"އެހެންނަމަވެސް، އެއް ފޮނި އެއްޗެއްގެ ބަދަލުގައި އަބަދުގެ އަބަދަށް އެހެން ފޮނި އެއްޗެއް ބޭނުންކުރުމުގެ ބަދަލުގައި، އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ، ދުލުގެ ރަހަ މަޑުމަޑުން ބަދަލުކޮށް، އާންމުކޮށް ފޮނިކުރަން ބޭނުންވާ މިންވަރު މުޅިން މަދުކޮށްލުން،" މަލްހޯތުރާ ވިދާޅުވިއެވެ.



