"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމް ނޮވެމްބަރުގައި ހުޅުވާލަނީ

ބޯހިޔާވަހިކަން ހޯދުމުގައި އާއިލާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމެއްޖެއްސުމަށް އެހީތެރިވުމުގެ ގޮތުން "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ތައާރަފްކުރާ ދެ ސްކީމަށް އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި އެންމެ ބޮޑަށް ދަތިވަނީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ދެއްކުމަކަށް ނޫނެވެ. ނަމަވެސް ބޭންކުތަކަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުމަކީ ބޮޑު ގޮންޖެހުމަކަށްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މި ހިލޭ އެހީގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. މިކަމަށްޓަކައި މިދިޔަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު މާލީ ހަތަރު އިދާރާއަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކު، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީއެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެކުލަވާލި ދިރާސާއަކަށް ހަވާލާދެއްވައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިރާސާކުރެވުނު އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކަށް އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައެއް ނެތެވެ. މިސާލަކަށް 2 މިލިއަން ރުފިޔާގެ ފްލެޓެއް ގަންނަން 20 އިންސައްތައިގެ އިކުއިޓީ ހަމަކުރުމަށް މަހަކު 3,000 ރުފިޔާ ސޭވްކުރާ އާއިލާއަކަށް 10 އަހަރު ނަގާއިރު، ސަރުކާރުގެ މި ސްކީމްތަކުން އެ އުނދަގޫތައް ފޫބައްދައިދޭނެއެވެ.

"ހެލްޕް ޓު ބިލްޑް" ސްކީމަކީ އަމިއްލަ ބިން އޮވެ، ގެދޮރު އެޅުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ސްކީމެކެވެ. މި ސްކީމުން 200,000 ރުފިޔާއާ ހަމައަށް (1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 އިންސައްތަ އިކުއިޓީ) ހިލޭ އެހީ ދޭނެއެވެ. ފުރަތަމަ ފިޔަވަހީގައި މި ފުރުސަތު އޮތީ މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. އަދި މާލޭގައި އެއް ބިމެއްގައި ގިނަ ވާރުތަވެރިން ގެ އަޅާނަމަ ކޮންމެ ވެރިއަކަށް 200,000 ރުފިޔާގެ މަގުން ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ.

އަނެއް ސްކީމަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ "ހެލްޕް ޓު ބައި" ސްކީމެވެ. މި ސްކީމްގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ އަގުހުރި ގެދޮރު ގަތުމަށް ސަރުކާރުން 250,000 ރުފިޔާއާ ހަމައަށް ސީދާ ޑިވެލޮޕަރަށް އެހީދޭނެއެވެ. މިއާއެކު އާއިލާއިން އަމިއްލައަށް ދައްކަންޖެހޭ ޑައުޕޭމަންޓް 300,000 ރުފިޔާއިން 50,000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ.

މި އެހީއަކީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއަކަށް ވީ ނަމަވެސް، މި ސްކީމުގެ ދަށުން ލިބޭ ގެދޮރު 20 އަހަރު ވަންދެން ނުވިއްކޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ކަށަވަރުވެގެންދާނެއެވެ. މިނިސްޓްރީން ވަނީ މި ސްކީމްތަކުގެ ޝަރުތުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު އަންނަ މަހު އާންމުކުރުމަށް ހަމަޖެހިފައިވާތީ، ލިޔެކިޔުންތައް ހަމަކޮށް ތައްޔާރުވަމުން ދިޔުމަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް