މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 30 ދުވަސް ޖަހައިދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 އެހާއިރުއެވެ. ކޯޓުން މުއްދަތު އިތުރުކޮށްދިނުމާ ގުޅިގެން މި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށެވެ.
މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން:
ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20 އަހަރު) – ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ
އަޙްމަދު ސިނާޒް (30 އަހަރު) – ކ. ގާފަރު، މަލަ
އަޙްމަދު މާއިޝް މުޙައްމަދު މާހިރު (21 އަހަރު) – ސ. ހިތަދޫ، ފެނީވާ
އަނޫފް ބިން މުޙައްމަދު (21 އަހަރު) – ކ. މާލެ، ހ. ފިލްމީސައިޓް
ތަހުގީގަށް ފާހަގަކުރެވިފައިވާ މުހިންމު ނުކާތައް:
މަސްތުގެ ހާލަތާއި ނުރައްކާތެރި ދުއްވުން:
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަދި ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވި މައްސަލައިގައެވެ. އެމީހުންގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، މަގުމަތީގައި ފުލުހުން ޖަހާފައިހުރި ސީސީޓީވީ ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ވަނީ ޖައްސާފައެވެ. މި ހާދިސާގައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
ހައްޔަރުކުރެވުނު އަނޫފް ވަނީ ހާދިސާ ހިނގި ސީންގައި އަޑުގަދަކޮށް، ފުލުހުންނަށް ހަޑިހުތުރުބަހުން މުއާމަލާތުކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ވިދާޅުވީ، ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ މައިގަނޑު މަގުސަދަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށެވެ.





