ކުޅުދުއްފުއްޓަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޯލްޑިވްސް ރެޑް ކްރެސެންޓް ިއިން އެހީ ފޯރުކޮށްދެނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުއްޓަށް ރެއިން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގޭބިސީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރޭ 10:30 ހާއިރުން ފެށިގެން މެދުނުކެނޑި ވާރޭވެހެމުންދާއިރު، އެމެޖެންސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ލިބުނު ގެއްލުންތަކާއި ހާލަތުގެ ތަފްސީލު:

  • ގެއަށް ފެންވަނުން: ޑިޒާސްޓާ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި 190 އަށްވުރެ ގިނަ ގެއިން ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ބައެއް ގެތަކުން މީހުން ހުސްކޮށް، ގެސްޓްހައުސްތަކަށް ވަނީ ބަދަލުކުރަން ފަށާފައެވެ.

  • އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތައް: ކުރީގެ އަތޮޅު ކައުންސިލް އިދާރާ ސަރަހައްދު، އަފީފުއްދީން ސްކޫލް ސަރަހައްދު އަދި ރަސްމީ ބޯޅަދަނޑު ސަރަހައްދު.

  • ބަންދުކުރެވުނު ތަންތަން: ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ވަނީ ބަންދުކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް، އެމްއެންޑީއެފް، ޕޮލިސް އަދި އާރްޑީސީ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން:

  1. ރަށުގެ 5 ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

  2. ފެންގަނޑު އަވަހަށް ހިންދުމަށްޓަކައި މޫދާ ގުޅޭގޮތަށް ވަނީ ކޯރެއް ކަނޑާފައެވެ.

އާންމުންނަށް އިލްތިމާސްކުރުމާއި ހޮޓްލައިން:

  • އެހީތެރިކަމަށް އެދުމަށް: ފެންބޮޑުވެގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ހޮޓްލައިން 6527211 އަށް ގުޅުމަށް ވަނީ އެދިފައެވެ.

  • ގެއްލުމުގެ އެސެސްމެންޓަށް: ލިބުނު ގެއްލުންތަކުގެ ސާފު ފޮޓޯ ނެގުމަށްފަހު ސިޓީ ކައުންސިލްގެ ވައިބާ ނަމްބަރު 7221621 އަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު (Yellow Alert) ނެރެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް