ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ކްރިމިނަލް ކޯޓުގެ އަމުރުތަކުން ހާމަވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ސައިކަލުގައި ތިބި ދެ މީހުންގެ އިތުރުން، މައްސަލައިގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް ހޯދައި ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ މި ހަތަރު މީހުންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކުރު މުއްދަތަކަށް ބަންދުކުރީ އެ މީހުން ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން:
-
ފުލުހުގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާއާއި ފަހަތުގައި އިން މީހާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
-
ފަހުން ހައްޔަރުކުރި ދެ މީހުންނަކީ، ހާދިސާގައި އަނިޔާވި މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ އެ ތަނުގައި އަޑުގަދަކޮށް، މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ދެ މީހުންނެވެ. މި ދެ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ރޭ ފަތިހު 4:30 ހާއިރު ހިނގި މި ހާދިސާގައި، ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުމުގެ ގޮތުން ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެ އޮފިސަރުގެ ހާލު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ހޮސްޕިޓަލަށް ވަޑައިގެން ބައްލަވާލައްވާފައެވެ.





