ތައިލެންޑުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމެވެ. ތައިލެންޑުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް ފޮނުވި ޕާރުސަލްތަކެއްގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބުނެ އެ އޮފީހުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާތީ ކާގޯ އޮފީހުން ހަވާލުނުވުމުން، އެ ތަކެތި ގެންގޮސް ބެހެއްޓީ ސޫކުމްވިޓް ސަރަހައްދުގައި އެ މީހުން ތިބި ކޮޓަރީގައެވެ. ފުލުހުން އެ ކޮޓަރިއާއި ޕާރުސަލްތައް ބަލައިފާސްކުރިއިރު، ތަރުމޯހާއި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި ގާތްގަނޑަކަށް 10 ކިލޯގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ.

ތައިލެންޑް ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންނަކީ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގަމުންދިޔަ ބައެކެވެ. ނަމަވެސް ތަހުގީގުގައި އެ މީހުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ ރައްޓެއްސަކު ބުނެގެން ކާގޯ ކުރަން ފޮނުވި ސާމާނުތަކެއް ކަމަށާއި، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ. މިކަމުގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބެލުމަށް ތައިލެންޑް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް