މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން އިތުރު 13 މީހަކަށް ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ. މި ކޭސްތަކާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 199 އަށް އަރައިފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހިމަބިހިން ރައްކާތެރިވުމަށްޓަކައި ދެވޭ އެމްއާރު ވެކްސިން މިހާތަނަށް 12،971 މީހަކަށް ވަނީ ދީފައެވެ. ގައިންގަޔަށް ފަސޭހައިން އަރާ މި ބައްޔަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ރައްކާތެރިވެވޭ ބައްޔަކަށްވާތީ، ވެކްސިން ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސެންޓަރުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
-
ކޮންޓެކްޓުންނަށް ވެކްސިން: ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެއެވެ.
-
ޚިދުމަތް ލިބޭނެ ތަންތަން: މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ދިނުމުގެ ހިދުމަތް ކުރިއަށްދާނެއެވެ.
ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ދާދި ފަހުން ރާއްޖެ ވަނީ ހިމެނިފައެވެ. މި ބަލީގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު، ހިމަބިހި ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.
ބަލި ފެތުރޭ ގޮތާއި އަލާމާތްތައް
"މީސްލްސް ވައިރަސް"ގެ ސަބަބުން ޖެހޭ މި ބައްޔަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި މި ބަލި ފެތުރެނީ:
-
ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުން.
-
ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުން.
-
ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި ބޭނުންކުރުމުން.
ޞިއްޙީ މާހިރުން އިރުޝާދު ދެއްވަނީ ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، އެއްވެސް މަޑުކުރުމެއް ނެތި އަވަހަށް ސިއްހީ ފަރުވާ ހޯދުމަށެވެ.




