ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަންކަން ކުރިއަށްގެންދިޔަ ގޮތުން ކަމަށާއި، އޭރު ފެނަކައާ ހަވާލުކުރި ހުރިހާ މަޝްރޫއެއް އޮތީ މި ސަރުކާރު އައިއިރު ހުއްޓިފައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ 10 އިންސައްތަ މިހާރު ނިމިފައިވާއިރު، އަމާޒަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް އެ މަޝްރޫއު މުޅިން ނިންމާލުން ކަމަށެވެ.
މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ޑިސެމްބަރު 2021 ގައި ފެނަކައާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން ނޮވެމްބަރު 2023 އާ ހަމައަށް ނިންމުނީ އެންމެ 16 އިންސައްތައެވެ. އަދި ފެނަކައިން މާލިއްޔަތު ގަވާއިދާ ހިލާފަށް، އެއްވެސް ތަޖުރިބާއެއް ނެތް ކުންފުނިތަކަކަށް ބޮޑު އަގުގައި މުޅި މަޝްރޫއު ސަބް-ކޮންޓްރެކްޓް ކޮށްފައިވާތީ، އެ އެއްބަސްވުން ބާތިލުކުރުމަށްފަހު މިހާރު ވަނީ އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުގައި ގިނަ ރަށްރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެށި ނަމަވެސް، ވެރިކަން ނިމުނުއިރު ގިނަ މަޝްރޫއުތައް އޮތީ ނުނިމިއެވެ. މީގެ އިތުރުން ފެނަކައިގެ ހިންގުމާއި، ހަވާލުވި މަޝްރޫއުތަކާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.



