ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މިއަދާއި މާދަމާވެސް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވޭއިރު، ޚާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ވިއްސާރަ ހޮނިހިރު ދުވަހުވެސް ދެމިއޮތުމަށްފަހު، މޫސުން އަލިވާން ފަށާނެ ކަމަށް ބެލެވެނީ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ހުރިހާ ހިސާބަކަށްވެސް ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މިއަދުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތުމާއެކު، ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



