އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) މުޅި ދުނިޔެއިންވެސް އަށްވަނައަށް އެންމެ ދަރަނި ބޮޑު ގައުމަކަށް ވާނީ ރާއްޖެއެވެ.
އެ އިދާރާގެ އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ 129.4 އިންސައްތައަށް އަރާނެއެވެ. މިއާއެކު ރާއްޖެ ވެގެންދާނީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ދަރަނި އެންމެ ބޮޑު ގައުމަށެވެ. މުޅި ދުނިޔޭގެ ލިސްޓުގެ އެންމެ ކުރީގައި ޖަޕާން (204.4 އިންސައްތަ)، ސިންގަޕޫރު (171.9 އިންސައްތަ) އަދި ސޫދާން (169.1 އިންސައްތަ) ހިމެނޭއިރު، އެމެރިކާއާއި ޔޫކްރޭން އުޅެނީ ރާއްޖެއަށްވުރެ ފަހަތުންނެވެ.
ރާއްޖޭގެ ތާރީޚުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އެންމެ މައްޗަށް ދިޔައީ ކޮވިޑް-19ގެ ތެރޭގައި 2020 ވަނަ އަހަރުއެވެ. އެއީ 155.7 އިންސައްތައެވެ. އޭގެ ފަހުން ދަރަނި ދަށްވުމަށްފަހު 2023 ގައި 122.4 އިންސައްތައަށް އަދި 2024 ގައި 133.3 އިންސައްތައަށް އިތުރުވިއެވެ. މިދިޔަ އަހަރު ދަރަނި 125.4 އިންސައްތައަށް ދަށްވި ނަމަވެސް، މި އަހަރު އަނެއްކާވެސް ދަރަނި އިތުރުވާނެ ކަމަށް އައިއެމްއެފުން ވަނީ އަންދާޒާކޮށްފައެވެ.
މި އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު މަދުވި ނަމަވެސް، އަންނަ އަހަރު އިގުތިސާދު 4.6 އިންސައްތައަށް ކުރިއަރާނެ ކަމަށް އައިއެމްއެފުން އުއްމީދު ކުރެއެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަބްސިޑީ މުރާޖައާކޮށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދިނުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް އައިއެމްއެފުން އިރުޝާދު ދެއެވެ. މީގެ އިތުރުން ތެލުގެ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މި އަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ހުރުމާއެކު، ދައުލަތުން ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ފާސްކޮށްފައެވެ.



