ރާއްޖޭގެ ސަރުކާރު ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ %61 މަސައްކަތް މިއަދާ ހަމައަށް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، އައްޑޫ ޝަރަފުއްދީން ސްކޫލުގެ އޭސީ ހަރުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޖުމްލަ 217 ސްކޫލެއްގައި މި ޕްރޮޖެކްޓް ކުރިއަށްދާއިރު، ހުރިހާ ސްކޫލަކަށް ވެސް މިހާރު ވަނީ އޭސީތައް ފޮނުވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ބާކީ ހުރި ސްކޫލްތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކޮށް، ކަރަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމުގެ މަސައްކަތެވެ.
މި މަސައްކަތް އަވަހަށް ނިންމުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ ބައެއް ސްކޫލުތަކަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭނުންކުރަމުންދާ ތަންތަން ކަމަށެވެ. އެފަދަ ސްކޫލްތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށްވުމުން، އޭސީތައް ހިންގުމަށްޓަކައި ކަރަންޓު ވިއުގަ ބަދަލުކުރަންޖެހެއެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރު ދުވަހުގެ ތެރޭގައި އޭސީކުރުމަށް "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހުކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދުމަށާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 54 މިލިއަން ރުފިޔާ އަށެވެ.




