ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އަށް ކިރުވި މަހަށް ޖުމްލަ 11.3 މިލިޔަން ރުފިޔާ ދޫކޮށްފި ކަމަށް އެ ކުންފުންޏިން ވިދާޅުވެއްޖެއެވެ. މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން މިދިޔަ މަހު މަސްކިރުވާފައިވެއެވެ. އެ ދޯނިތަކަށް ދޫކޮށްފައިވަނީ ސީދާ 11,332,391 ރުފިޔާއެވެ.
ޖޫން މަހު ޖުމްލަ 568 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ. މީގެ ތެރެއިން 196 ދޯންޏަކުން 484.4 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށް 9,326,901 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ބޮޑuކަންނެލީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 109 ދޯންޏަކަށް 331,440 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް 1,674,050 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން މިހާރު ވަނީ މަސް ގަންނަ އަގުތައް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިފްކޯއިން މިހާރު 10 ކިލޯއާއި 15 ކިލޯގެ މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. އަދި 15 ކިލޯއިން މަތީގެ މަސް ގަންނަނީ ކިލޯއެއް 25 ރުފިޔާއަށެވެ.



