ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބިފަހުން ޚަބަރެއްނުވެގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފެނިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ގެނައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވްކުރަން އުޅުނު ކޭވް (ހޮހަޅަ) ތެރެއިންނެވެ. މި ހަތަރު މީހުންނަކީވެސް އެ ހޮހަޅައަށް ޑައިވްކުރަން ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ބައެކެވެ. ފެނިފައިވާ ހަށިގަނޑުތައް މޫދުން ނެގުމުގެ މަސައްކަތް، ކުރިއަށް އޮތް ޑައިވްތަކުގައި ކުރުމަށް މިހާރު ވަނީ ރޭވިފައެވެ.
މި ހާދިސާގައި ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 އެހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު ފުނުގައި އޮތް ބޮޑު ހޮހަޅައެއްގެ ތެރެއިން ފެނިފައެވެ. ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު، ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިއަދުއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.




