ކުރީގެ ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދައްކައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ.
މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން އަދާކުރަމުންދާ ކަމަށެވެ. އެގޮތުން މީގެ ކުރިން 524 މިލިއަން ޑޮލަރުގެ ސުކޫކަކާއި 400 މިލިއަން ޑޮލަރުގެ ސްވަޕް ފެސިލިޓީއެއްވެސް ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއަދަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ވަނީ ދައްކައި ޚަލާސްކޮށްފައެވެ. މިއީ މެއި 11 ވަނަ ދުވަހު ދައްކަންޖެހޭ ގޮތަށް ކުރީ ސަރުކާރުން ނަގާފައިވާ ފައިސާއެކެވެ. ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، މިއީ ކުރީ ސަރުކާރުން ރައްޔިތުން ބައްދާފައިވާ "ދަރަނި ދަންތުރަ" އިން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، 2019 ވަނަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިންޑިއާއިން ޖުމްލަ 150 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. އެއީ 17 މާރިޗު، 26 ޖޫން އަދި 1 އޮކްޓޯބަރު 2019 ގައެވެ. މި ދަރަނިތައް ކުރީ ސަރުކާރުން ދައްކަމުން ނުގޮސް ކުރިއަށް ފަސްކުރަމުން (ރޯލް ކުރަމުން) އައި ނަމަވެސް، މި ސަރުކާރުން 2024 ގެ ކުރީކޮޅު 50 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، މިއަދު ދެއްކީ ބާކީ އޮތް 100 މިލިއަންގެ ތެރެއިން 50 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެން ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހޭ ތާރީޚަކީ ސެޕްޓެމްބަރު 17 ކަމަށާއި، އެ ދުވަހުވެސް އެ ދަރަނި ދައްކައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.



