އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ހަންޓާ ވައިރަސް ފެނުނު ނަމަވެސް، ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މައުލޫމާތު ދިން ގޮތުގައި، ދެކުނު އެމެރިކާގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން މި ވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާ ގުޅިގެން އެ އެޖެންސީން ދަނީ ހާލަތު ބަލަމުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިފައިވާ މީހަކު ނުވަތަ ބަލިމީހަކާ ދިމާވި މީހަކު ވެސް ފެނިފައި ނުވާތީ، ރާއްޖެއަށް އޮތް ރިސްކު ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މިކަމާ ގުޅޭ އާ މައުލޫމާތު ލިބޭ ވަރަކުން އާންމުންނަށް އަންގަމުންދާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ހަންޓާ ވައިރަހަކީ މައިގަނޑު ގޮތެއްގައި މީދަލުގެ ޒަރީއާއިން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހެނީ މީދަލުގެ ކުޅު، ކުޑަކަމުދާ ތަކެތި ނުވަތަ ނަޖިހުގައި އަތްލެވިގެން ނުވަތަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވާސިލުވުމުންނެވެ.
ވަކިވަކި ފަރުދުންނަށް މި ބަލީގެ ނުރައްކާ އޮތް ނަމަވެސް، މުޅި މުޖުތަމައުގެ ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅާފައެވެ. ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން، މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެކި ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.



