ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން އދ. އަށް ހުށަހެޅި ގަރާރު ރަޝިޔާ އާއި ޗައިނާއިން ވީޓޯ ކުރާނެ: ރިޕޯޓް

ގަލްފުގެ ގައުމުތަކުގެ ތާއީދާއެކު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއް ރަޝިޔާ އާއި ޗައިނާއިން ވީޓޯ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ގަރާރަކީ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި، އީރާނުން ބޯޓުފަހަރަށް ހަމަލާދިނުމާއި ދަތުރުފަތުރަށް ހުރަސްއެޅުން ހުއްޓާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.
އެމެރިކާ، ބަހްރޭން އަދި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ މެންބަރު ގައުމުތައް ގުޅިގެން ހުށަހެޅި މި ގަރާރުގައި، އީރާނުން ކަނޑުއޮޅީގައި މައިން ވަޅުލުން ހުއްޓާލުމަށާއި، މިހާރު ހުރި މައިންތައް ނެގުމަށާއި، އާގުބޯޓުފަހަރަށް ހަމަލާދިނުން ހުއްޓާލައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ މަގެއް ގާއިމުކުރުމަށް ވެސް މި ގަރާރުގައި ހިމަނާފައިވެއެވެ. ވީޓޯގެ ބިރު އޮތުމުން، މި ގަރާރު ފާސްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފާއިތުވި ދުވަސްތަކުގައި ވަނީ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން، އަސްކަރީ ބާރުގެ ބޭނުންކުރުމަށް ސީދާ ހުއްދަދޭ މާއްދާތައް މިހާރު ވަނީ އުނިކޮށްފައެވެ. މި ބަދަލުތަކާއެކުވެސް، ޑިޕްލޮމެޓިކް މަސްދަރުތަކުން ބައެއް މީޑިއާތަކަށް މައުލޫމާތުދޭ ގޮތުގައި ރަޝިޔާ އާއި ޗައިނާ އަދިވެސް ތިބީ މި ގަރާރާ ދެކޮޅަށެވެ.

އެ ގައުމުތަކުން ދެކޭގޮތުގައި މިއީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރެއް ކަމަށާއި، މީގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުން ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

މި ގަރާރަށް ވޯޓަށް އެހުން ވަރަށް އަވަހަށް އޮންނާނެ ކަމަށް ބެލެވޭއިރު، 11 ގައުމަކުން މި ގަރާރަށް ތާއީދުކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ރަޝިޔާ އާއި ޗައިނާއިން ވީޓޯ ކުރުމުން މި ގަރާރު ބޭރުވާނެއެވެ.

މި ދެބަސްވުންތައް އުފެދިފައިވަނީ ގަލްފުގެ ސަރަހައްދުގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅިއަކީ މިހާރު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އެންމެ ނުރައްކާތެރި އެއް ސަރަހައްދެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް