ބޭރުގެ ފަރާތްތަކުން ހޯދަން ކަނޑައެޅި ލޯނުތައް ނުލިބުމުގެ ސަބަބުން، ދިވެހި ފައިސާގެ އަގު ދަށްވެދާނެކަމުގެ އިންޒާރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ދީފިއެވެ.
2025 އިން 2027 އަށް އެކުލަވާލާފައިވާ ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުން ދަރަނި ނެގުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި މާލީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައެޅި މިންވަރަކީ ދަރަނީގެ ސިޔާސަތުގައި ހުއްދަކުރާ މިންގަނޑަށްވުރެ މާ ބޮޑު އަދަދެކެވެ.
އަދި ބަޖެޓު ފާސްކުރުމަށްފަހު ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން މި ސިޔާސަތުތަކާ އިތުރަށް ހިލާފުވެފައިވާކަން އެ އޮފީހުން ފާހަގަކުރެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ބޭރުގެ މާލީ ބާޒާރުން ބޮޑު ދަރަންޏެއް ހޯދަން އަމާޒު ހިފި ނަމަވެސް، ވޭތުވެދިޔަ ދެ އަހަރުވެސް އެކަން ކާމިޔާބުވެފައި ނުވާކަން އޮޑިޓް އޮފީހުން ހާމަކުރެއެވެ. އެހެންކަމުން، ބޭރުން ލިބޭނެކަމަށް ބެލި ފައިސާގެ ބަދަލުގައި ދަރަނި ނަގަން ޖެހުނީ ރާއްޖޭގެ އެތެރޭގެ ބާޒާރުންނެވެ.
ރާއްޖޭގެ ބާޒާރުން ދަރަނި ނެގުން އިތުރުވުމަކީ ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން އޮޑިޓް އޮފީހުން ބުނީ، މި ދަރަނިތައް އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވަށް ބުރަބޮޑުވެދާނެ ކަމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ބޭރު ފައިސާގެ ރިޒާވަށް އޮތް ނުތަނަވަސްކަން އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އޮޑިޓް ރިޕޯޓުގައި ވަނީ ދީފައެވެ.




