ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1.1 ބިލިއަން ޑޮލަރު ބާޒާރަށް ވިއްކާފައިވާކަން އެ އިދާރާގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެއް ކަމަށްވާއިރު، މީގެ ކުރީގެ ދެ އަހަރު ބާޒާރަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް 900 މިލިއަން ޑޮލަރެވެ. މިގޮތަށް ވިއްކި ފައިސާގެ ތެރެއިން 60 އިންސައްތަ ނުވަތަ 651 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
ކުންފުނިތަކަށް ދޫކުރި ފައިސާގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ތެލާއި، އަސާސީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ މުދާ ރާއްޖެއަށް އެތެރެކުރުމަށެވެ. ހަމައެކަނި ތެޔޮ ގަތުމަށް އެސްޓީއޯއަށް 460 މިލިއަން ޑޮލަރު ދޫކުރިއިރު، ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށް ވެސް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.
އާންމު ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް 448 މިލިއަން ޑޮލަރު ވަނީ ބާޒާރަށް ދޫކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެއް ނަމަވެސް، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ރިޕޯޓުން ފާހަގަކުރެވެއެވެ.
ޑޮލަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އާ ގަވާއިދުތަކަށް މިދިޔަ އަހަރު ވަނީ އަމަލުކުރަން ފަށާފައެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި އަވަށްޓެރި އިންޑިއާއާއެކު ވެފައިވާ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުންތަކުގެ އެހީތެރިކަން ވެސް އެމްއެމްއޭއިން ވަނީ ހޯދާފައެވެ.



