ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދާއި، ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޚާރިޖީ ވުޒާރާގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
މި ތިން ބޭފުޅުންވެސް އައްޔަންކުރައްވާފައިވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. މީގެ ތެރެއިން އާދަމް ޝަރީފް އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރުންގެ ފެންވަރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތޯރިގާއި އާދަމް ޝަރީފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ތޯރިގް ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު އެންވަޔަރަމެންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން އެމަނިކުފާނުގެ މަގާމަށް ބަދަލު އައެވެ.
މި މަހުގެ 14 ވަނަ ދުވަހު 10 ވަޒީރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު، އާދަމް ޝަރީފާއި ތޯރިގްވެސް އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ރައީސް އޮފީހުން އޭރު ހާމަކުރި ގޮތުގައި، ވަޒީރުން އިސްތިއުފާ ދެއްވީ ސަރުކާރު ހިންގުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ.
ސަރުކާރުގެ އިސް މަގާމުތަކަށް މި ބަދަލުތައް ގެނެސްފައިވަނީ، މި މަހުގެ ކުރީކޮޅު ބޭއްވި ކައުންސިލް އިންތިޚާބާއި، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް އެދެވޭ ނަތީޖާއެއް ނުލިބުމާ ގުޅިގެންނެވެ.




