ދިވެހިރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން އެމެރިކާ ޑޮލަރުގެ ބައިލެޓަރަލް ކަރަންސީ ސުވޮޕް ފެސިލިޓީ އަނބުރާ ދައްކައިފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ 'ފްރޭމްވޯކް އޮން ކަރަންސީ ސުވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް، 2024-2027' ގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާއި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ދެމެދު ވެފައިވާ ސުވޮޕް އެއްބަސްވުމުގެ ޔޫއެސް ޑޮލަރު/ޔޫރޯ ސުވޮޕް ވިންޑޯގެ ދަށުން، އޮކްޓޫބަރު 2024 ގައި ނެގި 400 މިލިއަން އެމެރިކާ ޑޮލަރުގެ ސުވޮޕް ފެސިލިޓީ އެމްއެމްއޭ އިން އަނބުރާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
ކަރަންސީ ސުވޮޕް އެއްބަސްވުމުގެ އައިއެންއާރް ސުވޮޕް ވިންޑޯގެ ދަށުން 30 ބިލިއަން އިންޑިއަން ރޫޕީޒްގެ ފުރަތަމަ ވިތުޑްރޯވަލްއަށް ހުއްދަ ދިނުމާ ގުޅިގެން، އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އާރް.ބީ.އައި އާއި އެމް.އެމް.އޭ އާ ދެމެދުގައެވެ.
30 ބިލިއަން ރޫޕީޒްގެ މި ސުވޮޕަކީ ހުޅަނގު އޭޝިއާގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އިގްތިސާދީ ހަމަޖެހުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސްޓްރެޓެޖީއަށް ލިބޭ ބޮޑު އެހީއެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.
2017-2024 ގެ ފްރޭމްވޯކްގެ ދަށުން ހިމެނޭ އައި.އެން.އާރް ސުވޮޕް ވިންޑޯގައި ލުއި ގޮތްތަކެއް ހިމެނިފައިވުމުން، މީގެ ބޭނުން ހިފުމަށާއި މީގެ ނަތީޖާ ހާސިލުކުރުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޞަރީ ބިލްގެ ތެރެއިން 50 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާތަނަށް ވަނީ ދައްކާފައެވެ.
30 ބިލިއަން ރޫޕީޒްގެ ސުވޮޕް ފެސިލިޓީއަށް ހުއްދަ ދިނުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެއް ކަމަށާއި، މިއީ އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެ ގައުމުން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެއެވެ.





