އުތުރު ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 8 އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެ ކުއްޖާ ގަހެއްގައި ބަނދެ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުމުގެ އިތުރުން، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.





