ސަރުކާރުގެ މިނިސްޓްރީތައް ބަދަލު ގެނެސް، 15 ވަޒީރުންނަށް ކެބިނެޓު މެމްބަރުންގެ އަދަދު މަދުކޮށް، ރައީސް މުހައްމަދު މުއިއްޒު މިރޭ އަލުން ކެބިނެޓު އެކުލަވާލައިފި އެވެ.
ކެބިނެޓު އަލުން މި އެކުލަވާލީ، 10 ވަޒީރަކު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައިވަނިކޮށެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި 12 މިނިސްޓްރީއަކަށް ބަދަލުތައް ގެނެސް، އެ މިނިސްޓްރީތަކަށް އައްޔަންކުރެއްވި ވަޒީރުން ހުވާ ކުރައްވާފައިވެ އެވެ. މީގެ ތެރޭގައި ބައެއް މިނިސްޓްރީތައް އެއްކޮށްލާފައިވާތީ، މިހާރުގެ ބައެއް މިނިސްޓަރުން ވެސް އަލުން މަގާމުގެ ހުވާ ކުރައްވާފައިވެ އެވެ.
ކެބިނެޓަށް މިރޭ ގެނައި ބަދަލުތަކުގެ ތެރޭން އަލަށް ހަތަރު މިނިސްޓަރަކު އައްޔަންކުރައްވާފައިވެ އެވެ. އެ ބޭފުޅުންނަކީ:
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
މީގެ އިތުރުން ހަތަރު މިނިސްޓްރީއެއް އެއްކޮށްލައި، ބައެއް މިނިސްޓްރީތަކުގެ ނަންތަކަށް ބަދަލު ގެނެސް، އަލުން މަގާމުގެ ހުވާ މިރޭ މިހާރު ވެސް ވަޒީރުކަމުގައި ތިއްބެވި އަށް ބޭފުޅަކު ކުރައްވާފައިވެ އެވެ. އެއީ:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
- އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓް މިނިސްޓްރީއަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
މިބަދަލާއެކު މީގެ ކުރިން 20 މެމްބަރުން ތިއްބަވާ މި ކެބިނެޓުގެ ވަޒީރުންގެ އަދަދު 15އަށް ވަނީ މަދުވެފަ އެެވެ.





