އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ރައްޔިތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބަޖެޓް ފާސްކުރީ 74 މެމްބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ މަޖލީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންނެވެ.
ބަޖެޓް މަޖިލިހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި ބަޖުޓު ފަރުމާ ކޮށްފައިވާނީ މާލީ ހަރުދަނާކަން އިތުރުކޮށް ދިވެހިންނައް ހަގީގީ މާނައިގައި ތަރައްގީ ގެނެވޭނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޓްކެސްގެ ގޮތުގައި މި އަންނަ އަހަރު 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓްކެސް ނޫން ފައިސާގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައިއެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓް ހުށައަޅުއްވަމުން އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި (ހިލޭ އެހީއާ އެކު) 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތުން ހަރަދުވާނީ 49.4 ބިލިއަން ރުފިޔާކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. އޭގެތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނީ 9.3 ބިލިއަން ރުފިޔާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




