ކުރީގެ ސަރުކާރުން ނުދައްކައި ހުރި ބިލުތައް ހިމެނޭ ގޮތަށް، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން އެކި ފަރާތްތަކަށް 25 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި، ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުންނެވެ.
"އަޅުގަނޑުމެން އިސްކަންދިނީ 2024 ވަނަ އަހަރު މީގެ ތެރެއިން ބޮޑު ބައެއް ދެއްކުމަށްޓަކައި، އެގޮތުން މިދިޔަ އަހަރާއި 2024 އަހަރުގައި ކުރީގައި ނުދައްކާ ހުރި ބިލުތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާގެ ބިލު ދައްކައިފިން. މިދިޔަ ތިން އަހަރު ތެރޭގައި އެކި ބިލުތަކަށް 25 ބިލިއަން ރުފިޔާގެ ޕޭމެންޓުތައް ހަދައިފިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު ބަޖެޓު ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10.5 އިންސައްތައިގައި ކަމަށާއި، މިހާރު އެ އަދަދު އެއް އަދަދުގެ މިންވަރަކަށް ކުޑަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަދަން ލިބުނު ފުރަތަމަ ބަޖެޓު 2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ވަރަށް ރަނގަޅަށް ފިސްކަލް ކަންކަން މެނޭޖުކޮށްގެން އަޅުގަނޑުމެން ޑެފިސިޓުކުރީ 3.6 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން. އެހެންނަމަވެސް 2026 ފެށިގެން މާޗު މަހަށް އައި އިރު ދުނިޔޭގައި އޮތީ ބޮޑު ހަނގުރާމައެއް. އެއާއެކު ތެލުގެ އަގު ބޮޑުވުމާއި މިހެން ގޮސް ހަރަދުތައް ބޮޑުވުމާއެކުގައި ޓޫރިޒަމަށް އައި ލޮޅުމާއެކުވެސް މި އަހަރު ނިންމާލާއިރު 6.2 އިންސައްތައިން ނިންމާލެވޭނެ ކަމުގައި ލަފާކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ޖީޑީޕީގެ 5 އިންސައްތައަށްވުރެ ކުޑަކުރުމެވެ.
ދަރަނި ދެއްކުމާ ބެހޭގޮތުން ރައީސް ވިދާޅުވީ، ކަރަންސީ ސްވޮޕް ހިމެނޭ ގޮތަށް މިދިޔަ ތިން އަހަރު ތެރޭގައި 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، އެއީ މީގެ ކުރީގެ 10 އަހަރު ދެއްކި އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.
މި ފައިސާ ދެއްކުމާއި ބޭރުގެ ބޮޑު ދަރަނި އަދާކުރުމާއެކު، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު އަންނަ އަހަރު ނިމެންދާއިރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





