މިއަހަރުގެ ޖަނަވަރީން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.0 އިންސައްތަ އިތުރުވެއްޖެއެވެ.
މާލީ އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ހަފުތާއަކު އެއްފަހަރު ޝާއިޢުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 10.3 އިންސައްތަ އިތުރުވެ، 24.8 ބިލިއަން ރުފިޔާއިން 27.4 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ، ވިޔަފާރިތަކުގެ އާމްދަނީއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ޑިވިޑެންޑުގެ ދައުރު ބޮޑުކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި މުއްދަތުގައި ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 654.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 61.3 އިންސައްތަ އިތުރު އަދަދެކެވެ.
ފާއިތުވި ހަފުތާގައި އެންމެ ބޮޑު ޑިވިޑެންޑެއް ދައުލަތަށް ދެއްކީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިންނެވެ. އެ ކުންފުނިން ދެއްކީ 572.7 މިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓެކުސް ނޫން އާމްދަނީ 1.2 އިންސައްތަ ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު 14.9 އިންސައްތަ އިތުރުވެ 39.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އޭގެ ތެރެއިން ރިކަރަންޓް ޚަރަދު 34.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.





