ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުން، މިދިޔަ މަހުގެ 1 އިން ފެށިގެން ނަގަމުން އައި ޓެކްސް ކަނޑާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން މި ޓެކްސް ނަގަން ފެށީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
މިއަދުގެ ޖަލްސާގައި ބިލު ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުން ބިލަށް ވޯޓު ދެއްވިއެވެ. ތާއީދު ކުރެއްވި މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، މިދިޔަ އޯގަސްޓް މަހުގެ 26 ގައެވެ. ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ނުދައްކާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.





