ދަރަނި ނަގަންވާނީ ލޮލަށް ފެންނަ ބޮޑެތި މަޝްރޫޢުތަކަށް: ސަލީމް

ދައުލަތުން ދަރަނި ނަގަންވާނީ ލޮލަށް ފެންނަ، ނަތީޖާ އިހުސާސްކުރެވޭ ބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކަމަށާއި، ދުވަހީ ހަރަދުތަކަށް ދަރަންޏަށް ފައިސާ ހޯދުމަކީ ނުރައްކާތެރި މިސްރާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެން ދިޔައީ ދައުލަތުގެ އާމްދަނީން ރިކަރަންޓު ހަރަދުތައް ހަމަނުޖެހި، އެ ހަރަދުތައް ކުރުމަށް ލޯނު ނަގަން ޖެހުނު މަންޒަރު ކަމަށެވެ. މި ސަރުކާރުގެ ދައުރުގައި ރިކަރަންޓު ހަރަދުތައް ދައުލަތުގެ އާމްދަނީން ހަމަޖެހެމުން ދިއުމަކީ ބޮޑު އުފަލެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"އެ މަޝްރޫއުތަކަށް ނޫން ގޮތަކަށް ދަރަނި ނެގީމާ އަޅުގަނޑުމެންނަށް އެއިން ވަރަށް ބޮޑު ގެއްލުން ވެގެންދާނެ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ފާހަގަކުރެއްވި ގޮތުގައި ދައުލަތަށް ވަންނަ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަވަނީ ސަބްސިޑީތަކާއި އެކި އެހީތަކަށެވެ. ސަބްސިޑީއާއި ހިލޭ އެހީއަށް ހިނގާ ހަރަދުގެ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި، އެ އެހީތައް ހައްގުވެރިންނަށް ފުރިހަމައަށް ލިބޭތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ދިހަ ބިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު، އެއީ ދައުލަތުގެ ޖުމްލަ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ފައިސާއިން ސިއްހީ ނިޒާމުގައި ހުރި ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ އެންމެ ރަނގަޅު ގޮތުގައި ހަރަދުކުރެވޭތޯ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާރަވެރިވެ ބަލަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް