ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުން އަންނަ ކަމަށް މީރާއިން ބުނެފި

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުން އަންނަ ކަމަށާއި، އޮޑިޓްކުރާ ފަރާތްތައް ހޮވަނީ "ރިސްކް ބޭސްޑް" އުސޫލެއްގެ މައްޗަށް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މި ވާހަކަ ބުނީ، ރިސޯޓުތަކުގެ ހިސާބުތައް ރަނގަޅުތޯ ބެލުމަށް މީރާއިން އެ ތަންތަން އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ގަވަރުނަރު އެ ވާހަކަ ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީރާގެ ބަޔާނުގައި ވާ ގޮތުގައި، އޮޑިޓްކުރާ ފަރާތްތައް ހޮވަނީ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން، ހަމަހަމަ އުސޫލުތަކަކުންނެވެ. ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަނީ ޤާނޫނުތަކާ އެއްގޮތަށްތޯ ބަލައި، އެ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީ މީރާއިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

"މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ކުޑަބޮޑު މިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެ އަމަލުކުރަމުންދާ އުސޫލު،" މީރާގެ ބަޔާނުގައި ވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި، އެ އިދާރާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެމުން އަންނަނީ ޓޫރިޒަމް ދާއިރާއިންނެވެ. އަދި މީރާގެ މަސައްކަތްތައް ކުރަމުންދަނީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން، އާންމުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށް ކަމަށާއި، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

ގަވަރުނަރު މުނައްވަރު ބަޖެޓް ކޮމިޓީގައި ވިދާޅުވީ، މީރާއިން އިސްކަންދެނީ ކުދި ކަންމަތީ ފިހާރަތައް އޮޑިޓްކުރުމަށް ކަމަށާއި، ރިސޯޓުތައްވެސް އޮޑިޓްކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަން ޖެހޭ 5.9 ބިލިއަން ޑޮލަރުގެ ތެރެއިން ވަންނަނީ 3.8 ބިލިއަން ޑޮލަރު ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް