ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ހަލުވި މިނުގައި އިތުރުވަމުން ދާތީ، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުވައްޒަފުންގެ އަދަދު އިތުރުކުރުން ކޮންޓްރޯލްކުރަން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ލަފާދެއްވައިފިއެވެ.
މި ލަފާ ހިމެނޭ، 2027 ވަނަ އަހަރުގެ ބަޖެޓަށް އޮޑިޓަރ ޖެނެރަލް ދޭ ފަންނީ ލަފާގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅައި، އޮޑިޓް އޮފީހުން މިއަދު ވަނީ އާއްމުކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކެވެ. އެހެންކަމުން މުވައްޒަފުން އިތުރުކުރުން ހިފަހައްޓައި، މިހާރު ތިބި މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު މަތިކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. ފާއިތުވި އަހަރުތަކުގައި ދައުލަތުގެ މުވައްޒަފުންގެ ޖުމްލަ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން، އަންނަ އަހަރު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް 14.42 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދަރަނި ދެއްކުމާއި ކެޕިޓަލް އަދި ލޯނު ދޭން ހިމެނި ފައިސާ އުނިކޮށް، އަހަރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ރިވައިސްޑް ބަޖެޓުގެ އަންދާޒާއަށްވުރެ 6.6 އިންސައްތަ ބޮޑު އަދަދެކެވެ.
ޕެންޝަނަށް ކުރާ ޚަރަދު އަހަރުން އަހަރަށް ބޮޑުވަމުން ދާކަމީ ވެސް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ކަމެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕެންޝަނަށް 2.61 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބޭރުން ވަކިވަކި މުއައްސަސާތަކުން ޕެންޝަން ސްކީމުތައް ހިންގުމަކީ ދައުލަތުގެ ބުރަ ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައިވެއެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުގެ އުސޫލުން ކުރިއަށްދާނަމަ ޕެންޝަން ޚަރަދު 2042 ވަނަ އަހަރު 4 ބިލިއަން ރުފިޔާއަށާއި 2055 ވަނަ އަހަރު 7.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެހެންކަމުން ޕެންޝަން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ދެނެގަނެ ތަންފީޒުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.





