ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރަމުންދާ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އަންނަ އަހަރުން ފެށިގެން ހަފުތާއަކު އެއް ދަތުރު ޝެޑިއުލްކޮށް ކުރުމަށް އެ ކުންފުނިން ނިންމައފިއެވެ.
މޯލްޑިވިއަނުން މެލްބަންއަށް ސީދާ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އޭ330 މަރުކާގެ މަތިންދާބޯޓުގައެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، އޮސްޓްރޭލިއާއަށް ދަތުރުތައް ފެށީ އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައެވެ. ތިން މަސްދުވަހުގެ ތަޖުރިބާއަށްފަހު ޑިމާންޑަށް ބަލައި ޝެޑިއުލް ދަތުރުތައް ފަށަން ނިންމިއިރު، މި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮސްޓްރޭލިއާއަކީ ރާއްޖެއަށް ނުވަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އަދި އަހަރުގެ މިހާތަނަށް އެ ޤައުމުން 31،586 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.



