ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކުރި "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވުނު ފުރުޞަތެކެވެ. މި ޕްރޮގްރާމުގެ ދަށުން އެއްވެސް ރަހުނަކާ ނުލައި، ކޮންމެ ޒުވާނަކަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޒުވާނުންގެ އުފެއްދުންތެރި ޚިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިނޭންސިންއާއެކު 3,000 އަށްވުރެ ގިނަ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. އަދި މި ފިޔަވަހީގެ ކާމިޔާބީއަށް ބަލައި، ކުރިއަށް އޮތް ފިޔަވަހީގައި އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، މި ފައިނޭންސިން ލިބުނު ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ މެންބަރޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރިތައް ރަސްމީކޮށް ފޯމަލައިޒް ކުރުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.




